ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސީދާ ސާފު ނުވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް އައްޑު ސިޓީއަށް މިއަދު ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދި ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އެއީ ވަރަށް ސާފުކޮށް އިނގޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން އެބަ ތިބިކަމަށާ އެކަމަށް މިސަރުކާރުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

"މިހާތަނަށް އިންޑިއާ ސިފައިން ތިބި އަދަދެއް ސީދާ އޮޅުން ފިލާފައެއް ނެތް. އެކަމަކު އިންޑީއާ ސިފައިން ތިބިކަން ޔަގީން،." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ރިޔާސީ ކެމްޕެއިނުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފައްޓަވާނެ ކަމަށާއި ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރިޔާސީ އިންތިހާބު ކާމިޔާބުވުމަށް ފަހުވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.