މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ޝުޖާއު ވާދަކުރައްވަން ނިންމާފައިވަނީ ބާރަށު ދާއިރާ އަށެވެ. އޭނާ ވަނީ ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ.

ޕީއެންސީގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ޝުޖާއު ވިދާޅުވީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ބާރަށު ދާއިރާއަށް ވާދަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަ ކުރުމަށް ނިންމައިފީމެވެ. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ އަޅުގަނޑުގެ މި މަސައްކަތައް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލެއްވުން ދެއްވުމެވެ،" ޝުޖާއު ވިދާޅުވި އެވެ.

އެ ދާއިރާގައި ބާރަށުގެ އިތުރުން ދެން ހިމެނޭނީ އުތީމާއި މުރައިދޫ އާއި ތަކަންދޫ އެވެ.

ޕީޕީއެމާއި ޕީއެންސީން ޝުޖާއު މަޖިލީހުގެ ބާރަށު ދާއިރާއަށް އަލުން ވާދަ ކުރައްވަން ނިންމެވި އިރު މާލޭ ސިޓީ ކައުންސިލްގެ އެހެން ގިނަ މެންބަރުން ވެސް ކައުންސިލުގައި އޮތް އެ ބޭފުޅުންގެ ދައުރު ފުރިހަމަ ނުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި ކެމްޕޭން ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ކެމްޕޭންތައް ފަށާފައިވާއިރު ޕާޓީތަކުން ޓިކެޓް ދޭ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީތައް ދަނީ ޝެޑިއުލް ކުރަމުންނެވެ.