ހދ. މަކުނުދޫ ގޭސްސިލިންޑަރެއްގޮވި ހާދިސާއަށް ފަހު އެރަށު ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު އަލުން އެމަސައްކަތް ފަށައިފި އެވެ.
މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މެދު ކަނޑަލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެރަށު މަސްމާރުކޭޓު ކައިރީގައި ގޭސް ފުޅިއެއް ގޮވާ ދެމީހަކު މަރުވި ހާދިސާއާއި ގުޅިގެންނެވެ. މަރުވި ދެމީހުންނަކީވެސް ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ދެމީހުންނެވެ.
މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ފަށަފައިވާ ކަމަށެވެ. އޭރު މަސައްކަތް މެދު ކަނޑާލިއިރު ގާތްގަނޑަކަށް %20 ހިއްކާ ނިމިފައިވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.
މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައި މަރުވެފައި ވަނީ އެރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މުވައްޒަފަކެވެ. ކާކުކަން ނޭނގޭ ވަރަށް އެމީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ.
މަރުވި ދެ ބިދޭސީ މީހުންގެ ހަށިގަނޑު މިހާރު ވަނީ އާއިލާއާއި ހަވާލުކޮށްފަ އެވެ.
ފުލުހުން މިހާރުވެސް ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.