ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ކައިވެނިކުރުމަށް ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޝްރައްދާ މިހާރު އަންނަނީ ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ. ބަތަލާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ރާހުލް މޯޑީއާ އެވެ.
އަދި ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ފިލްމު ވެސް ލިޔެފައިވަނީ އޭނާ އެވެ.
ޝުރައްދާ އާއި ރާހުލް މޯޑީގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ "ތޫ ޖޫތީ މޭ މައްކާރު" މި ފިލްމުގެ މަސައްކަތުގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ކައިވެންޏަށް ދެފަރާތުގެ އާއިލާއިން ވެސް ގަބޫލުކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 35 އަހަރުގެ ބަތަލާ ޝްރައްދާ މީގެ ކުރިން ދެ އެކްޓަރަކާ ލޯބީގެ ގޮތުން ގުޅުންތަކެއް ބޭއްވި އެވެ. އެއީ ދެ ދަރިން ލިބިފައި ވަނިކޮށް ކައިވެނި ރޫޅުނު އެކްޓަރު/ޑައިރެކްޓަރު ފަރުހާން އަޚްތަރު އާއި ޒުވާން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް އާ އެވެ.
ޝްރައްދާ އަކީ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރް ދަރިފުޅެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝްރަދާގެ ކައިވެނީގެ ވާހަކަތަކެއް ދެކެވުނަސް އޭނާ އަކީ އަބަދު ވެސް ޒާތީ ކަންކަން ވަރަށް ބޮޑަށް ސިއްރުކުރާ ބަތަލާއެކެވެ. އެކަމަކު މީޑިއާތަކުން ބުނަނީ ޝްރަދާގެ ކައިވެނި ކައިރި މުސްތަގުބަލެއްގައި ފެނިދާނެ ކަމަށެވެ.