އާސަހަރާ މިސްކިތުގައި ނަމާދު ކުރާ ބައި އިތުރުކޮށް އާ ސަހަރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ މަސައްކަތުގެ މެދުތެރެއިން އެ މަޝްރޫއުގެ އެއްބަސްވުން މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފި އެވެ.

އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީ އާއި އެތަން މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ، 4.9 މިލިއަން ރުފިޔާ އަށެވެ.

އާސަހަރާގެ މަސައްކަތް ނުނިމޭތީ އެއްބަސްވުން ބާތިލްކުރަން ވަނީ ނިންމާފައި:ފޮޓޯ: ހުރިހާ

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އާސަހަރާ ދެމަސް ތެރޭ ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް އަދިވެސް ކުރިއަކަށް ނުދެ އެވެ. އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ މާލޭ ސިޓީ ކައުންސިލްގެ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާއަށް ވަނީ ހުށަހަޅައިފަ އެވެ. ކޮންޓްރެކްޓަރާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ނިންމާފައިވާތީވެ، އެ މަޝްރޫއުގައި އެންމެ އިސްކޮށް އުޅޭ އިދާރީ މުވައްޒަފަކު ވަނީ މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅައިފަ އެވެ.

މަސައްކަތާ ގުޅެގޮތުން ތަފްސީލު ދެމުން އޭނާ ބުނެފައިވަނީ ކޮންޓްރެކްޓަރާ މަސައްކަތް ހަވާު ކުރިފަހުން އާސަހަރާގެ ކުރެހުމަށް ވެސް ބޮޑެތި ބަދަލްތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި މަސައްކަތް ނުނިމި ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ކުރެހުމަށް ބަދަލުތަކެއް ގެނައުން ކަމަށް އޭނާ ބުނެ އެވެ.

އާސަހަރާ ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައި ވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާ އެކުގަ އެވެ.