ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ އަންހެން ދަރިފުޅު ރަހާއަށް މިއަދު އެއް އަހަރު ފުރިގެންދާނެ އެވެ. އާލިއާ އާއި ރަންބީރުގެ ދަރިފުޅަށް އެއް އަހަރު ފުރިގެންދާއިރު އެމީހުންގެ ދަރިފުޅު އަދިވެސް މީޑިއާ ފެނިފައިނުވެ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް އާލިއާއަށް އަމާޒުވެގެންދެ އެވެ.

މިކަމާއި ބެހޭ ގޮތުން ބަތަލާ އާލިއާ ބުނެފައިވަނީ އެމީހުންގެ ދަރިފުޅު ފޮރުވައިގެން ނޫޅޭ ކަމަށެވެ. އަދި ބޭނުމެއް ނެތް ސަމާލުކަން ތުއްތު ކުއްޖަކަށް ލިބުމަކީ މުހިއްމު ކަމެއް ނުދެކެނީ ދަރިފުޅު މީޑިއާގެ ކުރިމައްޗަށް ނުގެންނަނީ ކަމަށްވެސް އާލިއާ ބުންޏެވެ.

https://www.instagram.com/p/CzOTKyOPhJd/

"އަދި ހަމަ ވަރަށް ތުއްތު ކުއްޖެއް އެއީ. އެހެންވީމަ ޕަޕަރާޒިންގެ ކެމެރާތަކުގެ ލެންސް ދަރިފުޅަށް ފޯކަސްވެ، ބޭނުމެއް ސަމާކުލަން ހޯދުމަކީ ހަގީގަތުގައި އެހާ ތުއްތު ކުއްޖަކަށް މުހިއްމު ކަމެއް ނޫން،" އާލިއާ ބުންޏެވެ.

މި އަހަރު ނެޝަނަލް އެވޯޑް ހޯދި ބަތަލާ އާލިއާ އިތުރަށް ބުނީ އެމީހުންގެ ދަރިފުޅު މީޑިއާތަކަށް ފެންނަން ވަގުތު ޖެހުނީމަ އެކަން ވާނެ އެވެ. އަދި ދަރިއަކު ހިމާޔަތްކޮށް، ރައްކާތެރި ކުރުމަކީ ލޯބިން ކޮންމެ ބަޔަކު ވެސް ކުރާނެ ކަމެއް ކަމަށް ބުންޏެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.