ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒްކޮށް ޖެންޑާ މިނިސްޓްރީން އިފްތިތާހްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާ އެކު ޖެންޑާ މިނިސްޓްރީން ހެދި ދަފްތަރު ލޯންޗުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އެ މައުލޫމާތުތައް ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުން ވެސް ފެންނަން ހުންނާނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާހްކުރުމުގެ ހަފްލާގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި، މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ޕީޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ދަފްތަރު ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު ހިމެނޭ ޑިޖިޓަލައިޒްޑް ލިސްޓް ޝާއިއުކުރުމުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ޖެންޑަ މިނިސްޓްރީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޯޓުން ހުކުމެއް ކުރުމާއެކު، އެޙުކުމާއި ބެހޭ މައުލޫމާތު ވަގުތުން ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދެމުންދާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެ އެވެ. ޕީޖީން ވިދާޅުވީ، ޑިޖިޓަލައިޒްޑް ދަފްތަރު ލިސްޓް ފަރުމާކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށެވެ.

ދުނިޔޭގެ ފާހަގަކޮށްލެވޭ ޤައުމުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓުތައް ހުންނަ ގޮތަށް އެކި ފިލްޓަރުތަކުން ކުށްވެރިންގެ މައުލޫމާތު މި ލިސްޓުން ބެލެން ހުންނާނެކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ. އަދި މި ޑިޖިޓަލައިޒްޑް ލިސްޓުގައި ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެކަމަށް އެ އޮފީހުން ބުނެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއް ނެތި ވަގުތުން އަދާހަމަކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރެ އެވެ. ހަމައެއާއެކު އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލްވެވޭނެގޮތް ފަހިކޮށްދިނުމަށް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.