މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދިނުމުގައި ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާ ފްލެޓްދިނީ އޭގެ ހައްގުވެރިންނަށް ކަމަށް ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެ އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދިންގޮތާމެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރިފް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދިޔައީ ސިޔާސީ ފަރާތްތަކުން ނޫންކަމަށެވެ. ފްލެޓް ދިނުމުގައި ސިޔާސީ ނުފޫޒެއް ފޯރާފައި ނުވާ ކަމަށާއި ފްލެޓާ ގުޅުންހުރި ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އިންސާފުވެރިކަމާ އެކު ކަމަށް އާރިފް ވިދާޅުވި އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ސިވިލް ސާވެންޓުން ބައިވެރިވި ކަމަށް އާރިފް ވިދާޅުވި އެވެ. އާރިފް ވިދާޅުވީ ޕޮއިންޓު ދީފައިވާނީ ޕޮއިންޓު ދިނުމުގައި ބަލާނެ ކަންކަމަށް ހިޔާލަށް ހުޅުވާލުމުން ލިބިފައިވާ ހިޔާލުތަކާ އެއްގޮތަށް ކަމަށެވެ.

މާލެ ސަރަހައްދުން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް އަދި ހިޔާ ފްލެޓް ލިބުނު މީހަކަށް ވެސް ފްލެޓް ދީފައިނުވާނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

މިކަން ނިމިގެން ދާން ބޭނުން ވަނީ އެއްވެސް ބޭފުޅެއްގެ ހައްގު ނުގެއްލި. އެއްވެސް ސިޔާސީ ބޭފުޅެއް ނެތް މިކަން މެނޭޖްކުރައްވާކަށް. ފޯމް އިވެލުއޭޓްކުރުމާއި މާކްސް ދިނުމުގައި ހަރަކާތްތެރިވީ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުން،" އާރިފް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ހޮނިހިރު ދުވަހު އާންމު ކުރުމުން ގިނަ ބަޔަކު ވަނީ އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޝަކުވާކޮށްފަ އެވެ. އަދި އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޕޮއިންޓް ދިން ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި ހައުސިން މިނިސްޓްރީ އަށް ބަޔަކު ގޮސް އިހްތިޖާޖް ވެސް ކުރި އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ވެސް އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.