ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 7،400 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އާންމުންގެ ގިނަ ބަޔަކު އެދެމުންދާތީ އެ މުއްދަތު ހައުސިން މިނިސްޓްރީން ވަނީ ރޭ 00:00 ނިޔަލަށް އިތުރުކޮށްދީފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ރޭގެ ނިޔަލަށް ހަމަވި އިރު ސަރުކާރުން ފުރަތަމަ ބުރުގައި ދޭ 4،000 ފްލެޓް އަށް 7،421 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދޭނެ އެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.