"އަޅުގަނޑު ދިވެހި ގައުމުގެ ރައީސްކަމުގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދާތާ މިހާރު ތިން އަހަރު ވަނީ އެވެ. ރައީސް ކަމުގެ މަގާމު ނޫން ނަމަވެސް ވަޒީރުލް އައުޡަމް ކަމުން ފެށިގެން ދައުލަތް ހިންގުމުގެ މަގާމުގައި އުޅޭތާ 13 އަހަރުވެއްޖެ އެވެ. ރާއްޖޭގެ އަމްނު އާންމު ބެލެހެއްޓުމުގެ ގޮތުންނާއި އެފަދަ އެހެނިހެން ގޮތް ގޮތުން ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އަޅުގަނޑުގެ ބޮލުގައި އަޅައިގަނެގެން އުޅޭތާ 17 އަހަރު ވެއްޖެ އެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއްވެސް މީހަކު މިހާ ދިގު މުއްދަތަކަށް މި މަގާމުގައި ހުރުމަކީ މިޒަމާނަށް އެކަށީގެންވާ ކަމެއް ނޫނެވެ."

މިއީ ދިވެހި ރާއްޖޭގައި މިއަދު ފާހަގަކުރަމުން ގެންދާ ޖުމްހޫރީ ދުވަހުގެ ބާނީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ، ރާއްޖޭގެ ރައީސްކަމުގެ ފުރަތަމަ ދައުރު ނިންމަވައިލެއްވުމަށް ފަހު ވެރިކަމުން އިސްތިޣުފާ ދެއްވަން ނިންމަވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގެ އިބާރާތް ކޮޅެކެވެ. އޭރު އެމަނިކުފާނުގެ ރައީސްކަމުގެ ފުރަތަމަ ދައުރުން ބާކީ ދެ އަހަރެއްހާ ދުވަސް އޮތެވެ.

ދިވެހި ތާރީޚަށް ނަޒަރު ހިންގާއިރު ރާއްޖެ ޖުމްހޫރިއްޔަތަކާ ދިމާލަށް ކުރި ދަތުރަކީ އެހާ ފަސޭހަ، އޮމާން ދަތުރެއް ނޫނެވެ. ވާހަކަ އެނގެން އޮތް އެންމެ ދުރު މާޒީއިން ފެށިގެން ވެސް ރާއްޖެއަކީ ބާރުގަދަ ރަސްކަމެއް ކޮށް އުޅުނު ގައުމެކެވެ. އިނގިރޭސިން ރާއްޖެއަށް ދިން "ހިމާޔަތުގެ" އަޅުވެތިކަމުގައި ވެސް ވެރިކަމުގެ ނިޒާމަށް ބަދަލު އައުމެއް ނެތި ރަސްކަން ދެމި އޮތެވެ.

ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށި މޭނާ ކިލެގެފާނު ރަސްކަލަކަށްވެ ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައި ނުގެންނެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރާއްޖޭގެ ރަސްކަމުގެ މައްޗަށް އިނގިރޭސިންގެ ނުފޫޒު ގަދަވުމުގެ ސަބަބުން އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ރާއްޖޭގެ ތަޚުތުގައި ބޭފުޅަކު ނެތި މުހައްމަދު އަމީނު ގައުމު ހިންގެވުމަށް ދުވަސްކޮޅެއް ދިޔަ އެވެ. ރާއްޖޭގެ ތަޚުތު އެމަނިކުފާނަށް ލިބި ވަޑައިގެންނެވި ކަމަށް ވިޔަސް ރަސްކަލަކަށް ވާން އަމީން ބޭނުންފުޅުވެ ވަޑައިނުގެންނެވުމުގެ ސަބަބުން ރާއްޖެ ޖުމުހޫރިއްޔަތަކަށް ބަދަލުކޮށް އެމަނިކުފާނު އެ ޖުމްހޫރިއްޔާގެ ރައީސްކަމުގައި އައްޔަން ކުރެވުނެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުލަގަދަ ރަސްމިއްޔާތުތަކަކާއެކު އިފްތިތާހު ކުރެވުނުތާ މާގިނަ ދުވަހެއް ނުވެ، ގެނެވުނު ބަޣާވާތެއްގައި އެ ޖުމުހޫރިއްޔާގެ ރައީސް އަވަހާރަވުމަށް ފަހު އަނެއްކާ ވެސް ރާއްޖެ ރަސްކަމަކަށް ބަދަލުވި އެވެ.

ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލުވުމާއެކު އުފެދުނު ސަރުކާރުގައި އިސް ދައުރެއް އަދާކުރެއްވުމަށް ފަހު ވަޒީރުލް އައުޒަމްކަމުގެ މަގާމަށް ވެލާނާގެ އިބްރާހިމް ނާސިރު އިސްކުރެވުމާއެކު އެމަނިކުފާނު މިސްރާބު ޖެއްސެވީ އަނެއްކާ ވެސް ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުކޮށް ލެއްވުމަށެވެ. އެކި މަރުހަލާތަކަކަށް ބަހާލައިގެން ރޭވުންތެރިކަމާއެކު ދެވަނަ ޖުމުހޫރިއްޔާ ގެންނެވުމުގައި ނާސިރުގެ ވިސްނުންފުޅު ހުރިކަމުގައި ފެންނަނީ ފުރަތަމަ ޖުމުހޫރިއްޔާ އިން މެދުވެރިވި ފަދަ ހިތްދަތި ހާލަތަކަށް ރާއްޖެ ނުގެންގޮސް ވެރިކަމުގެ ނިޒާމު މަޑުމަޑުން ފުރޮޅާލެއްވުމެވެ.

ނާސިރު ގެންނެވި ޖުމުހޫރިއްޔަތުގެ ފުރަތަމަ ރައީސްކަން 3 އަހަރު ކުރެއްވުމަށް ފަހު އެމަނިކުފާނު ވެރިކަން ދޫކޮށް ލައްވަން ބޭނުންފުޅުވެވަޑައިގަންނަވާކަން ރައްޔިތުންގެ މަޖިލީހަށް ފުނުއްވި ސިޓީފުޅުގައި ލިޔުއްވާފައި ވަނީ 1972 ވަނަ އަހަރުގެ މެދެއްހާ ތަނުގައި ވެރިކަމުން ވަކިވެވަޑައިގަންނަވަން ގަސްދު ކުރައްވާ ކަމަށެވެ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވިސްނެވުމަށް ފަހު ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވެރިކަމަށް ގެންނަން ފެންނަ ބޭފުޅަކާ މެދު ގޮތެއް ނިންމަވައިގެން ތިއްބެވުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ނާސިރުގެ ސިޓީ އިއްވެވުމާ އެކު ބ. އަތޮޅުގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ހަމީދު ހުށަހެޅުއްވީ ދިވެހި ގައުމުގެ ރައީސްކަމުން ވަކިވެވަޑައިނުގެން ހުންނެވުމަށް ރައީސް ނާސިރަށް ދެންނެވުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ "ދިވެހި ރާއްޖޭގެ ސިޔާސީ އަދި އިގުތިސާދީ ހާލަތު ހުރި ގޮތުން، އެމަނިކުފާނު ރިއާސަތުން ދުރުވެވަޑައިގެންފިނަމަ، ދައުލަތަށް ނިހާޔަތަށް ގެއްލުން ލިބި، އާންމު މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް" ވިސްނި ވަޑައިގަންނަވާތީ އެވެ. އޮނަރަބްލް ހަމީދުގެ ހުށަހެޅުއްވުމަށް މަޖިލީހުގެ ހުރިހާ ބޭފުޅުން އިއްތިފާގުވެ ވަޑައިގެންނެވި އެވެ

ރައްޔިތުންގެ މަޖިލީހުގެ ނިންމެވުން ރައީސް ނާސިރަށް ލިބި ވަޑައިގެންނެވުމާ އެކު އެ މަޖިލީހުގެ އެދުން ގަބޫލުފުޅުކުރައްވައި ނާސިރު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަށް މަގުބޫލު ސަބަބެއް ނެތި ނޫނެކޭ ވިދާޅުވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ރައީސުލް ޖުމުހޫރިއްޔާކަން ގަބޫލުކޮށްފާނެ ކަމަށް ދެންނެވި އެވެ.

މަގުބޫލު އުޒުރެއް ނެތި މަޖިލީހުގެ ނިންމެވުމަށް ނޫނެކޭ ވިދާޅުނުވާނެ ކަމަށް ވިދާޅުވެ ދެވަނަ ދައުރަކަށް ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމާ ހަވާލު ވެވަޑައިގެންވުމަށް ފަހު ދައުރު ނިމެމުން ދަނިކޮށް ހަމަ އެފަދަ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހަށް ނާސިރު ފޮނުއްވި އެވެ. ކުރީ ފަހަރުގެ ސިޓީފުޅާ ޚިލާފަށް މިފަހަރުގެ ސިޓީފުޅުގައި ވެރިކަން ދޫކޮށްލައްވަން މަގުބޫލު އުޒުރުފުޅެއް ދެއްކެވި އެވެ. އެއީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ތަން ނުދޭތީ އެވެ.

ނާސިރުގެ ސިޓީފުޅަށް މިފަހަރު ވެސް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރީ ދާދި އެއްގޮތަކަށެވެ. ވެރިކަން ދޫކޮށްނުލެއްވުމަށް އެދި އަސަރުގަދަ ސިޓީ އެއް ނާސިރަށް އެރުވުނެވެ. އެހެން ނަމަވެސް ނާސިރު ދެއްކެވީ ސިއްހަތު ތަންނުދޭކަމުގެ އުޒުރެވެ. އެ އުޒުރާ އެކު ރާއްޖޭގެ ރައީސްކަމުގެ މަގާމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އިސްތިޣުފާ ދެއްވައި ވަކިވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވި ކަމަށް ވިޔަސް "ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެވުނު ޚިދުމަތެއް ކުރަން އަބަދު ވެސް ހުންނާނީ ތައްޔާރަށް" ކަމުގައި އިސްތިޣުފާގެ ސިޓީފުޅުގައި ލިއުއްވި އެވެ. އެހެނަސް އެފުރުސަތެއް އެމަނިކުފާނަކަށް ލިބި ވަޑައެއްނުގެންނެވި އެވެ.

ނޮވެމްބަރު 11، 1978 ގައި ރާއްޖޭގެ ވެރިކަން އަމިއްލަ ފުޅަށް ދޫކޮށްލެއްވުމަށް ފަހު 7 ޑިސެމްބަރު 1978 ވީ ބުރާސްފަތި ދުވަހު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް ދިރިހުންނަވައި ރާއްޖެ ވަޑައިގެންނެވޭނެ ފުރުސަތެއް އެމަނިކުފާނަށް ލިބި ވަޑައިނުގެންނެވި އެވެ.