މާލެ އާއި އައްޑޫ، ކުޅުދުއްފުށީގައި މާދަމާ ކޮވިޑް ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިން ޖަހަން މާދަމާ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރިވަރަކުން ވެކްސިން ޖަހަމުން ގެންދާނަން. އަދި ދެ ދުވަހެއްގެ ތެރޭގައި އެހެން ތަންތަނުގައި ވެސް ވެކްސިން ޖަހަން ފަށާނަން،" ނަސީމް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނައީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ 100،000 ޑޯޒުގެ ވެކްސިނެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނީ މިމަހު 26 ވަނަ ދުވަހު އެވެ.

އެ ވެލްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ޓެކްނިކަލް ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ކަމަށާއި މި ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ވެކްސިން ޖެހުމަށް އެންމެ ފުރަތަމަ ނިންމާފައި ވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް 19،000 އަށްވުރެ ގިނަ މީހުން ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

ވެކްސިން ދިނުމުގައި ތިން ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިއްހީ ޚިދުމަތުގައި އަދި އިޖްތިމާއީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ވެސް ހިމެނެ އެވެ.