ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީކަމުގެ މަގާމުގައި ހުންނެވި އަހްމަދު ލަތީފަށް އަރުވައިފި އެވެ.

މި ބޭފުޅުންނަށް ހާރިޖީ ހިދުމަތްތަކުގެ އެންމެ މަތީ ޝަރަފު އެރުވުން އޮތީ، މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތުގަ އެވެ.

މި ދެ ބޭފުޅުންނަކީ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް ހާރިޖީ ދާއިރާގައި ހިދުމަތް ކުރަމުން ގެންދާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފަ އެވެ. މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަ ހިދުމަތްތަކެއް، ކޮށްދެއްވާފައިވެ އެވެ.

އަޙްމަދު ހަލީލް ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1981 ގަ އެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާ އެވެ. އަޙްމަދު ހަލީލް، ހާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. އަދި މިހާރު ހުންނެވި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަން ކުރައްވައިފައި ވަނީ 22 ނޮވެންބަރު 2018 ގައެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ލިބިވަޑައިގެންނެވި ފޮރިން ސެކްރެޓެރީ ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ލަޠީފް

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިއަދު އެރުވި ފޮރިން ސެކްރެޓެރީ އަހްމަދު ލަތީފް، ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެއްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓެރީ ކަމުގެ މަގާމެވެ. ޚާރިޖީ ދާއިރާގައި އަހްމަދު ލަތީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ޤައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، ވަކިން ހާއްސަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން، ސާކް ފަދަ ސަރަޙައްދީ ޖަމިއްޔާތަކާ އެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގަ އެވެ.

މި ދެބޭފުޅުންނަށް ހަރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ގައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.