އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގެ ނެވިގޭޝަން ޗާޓު އަލުން ކުރެހުމުގެ މަސައްކަތަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް"، މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރާ ސާވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަން ރާވާފައިވާ މި މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު މި މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާވޭއެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސާވޭއެއް ކަމަށެވެ. މިފަދަ ސާވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
"މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ވެސް ލިބިގެންދާނެ،" އެމްއެންޑީއެފް އިން ބުންޏެވެ.
މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ސާވޭގައި ހދ. ކުޅުދުއްފުށި އިންޓަނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓްތައް ހުރި ސަރަޙައްދުތަކުގެ ތެރޭގައި ލާޖް ސްކޭލް ޗާޓް ޕަބްލިޝްކުރެވިފައި ވަނީ މާލޭގެ ސަރަޙައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިޕޮޅުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.