ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިއަދު ވަދެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާރުޑީސީ އަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

މީގެކުރިން ވެސް އާރުޑީސީގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގިގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އާރުޑީސީން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވާހަކަދެކެވެ އެވެ.

ޔާސިރު އަށާއި ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަށް ތުހުމަތުތައް ކުރާއިރު ޔާސިރު ވަނީ ދާދި ފަހުން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ.

ވައްކަމުގެ މައްސަލަ ދޮގުކޮށް އާރުޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ބީއެމްއެލްގައި ހުޅުވާފައިވާ މައި އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޫކޭ އާއި ޔާސިރުގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ވާހަކައެއް ފެތުރި ނަމަވެސް އެފަދަ މުއާމަލާތެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަންދޭ ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީން ބުނީ އެ ކުންފުނިން އަމަލުކުރަމުންދަނީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށާއި ފައިސާއަށް ހިޔާނާތްތެރިވެ، ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތެއް ނޯންނާނެކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.