ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރިޔަން ޚާންގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް އޭނާގެ ކޮއްކޮ ސުހާނާ ޚާން އާންމުކުރި ޕޮޓޯއަށް ސަމާލުކަން ލިބިއްޖެ އެވެ.

މިމަހުގެ 13 ވަނަ ދުވަހު 26 އަހަރު ފުރުނު އާރިޔަން ޚާން އަންނަނީ އޭނާގެ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ކުރަމުންނެވެ.

އާރިޔަންގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ބޮލީވުޑަށް ނިކުތުމަށް މިހާރު ތައްޔާރުވެފައިވާ އޭނާގެ ކޮއްކޮ ސުހާނާ ވަނީ ތަފާތު ފޮޓޯއެއް އިންސްޓަގްރާމުގެ ސްޓޯރީއަށް ލާފަ އެވެ. މި ފޮޓޯއަކީ 2022 ވަނަ އަހަރުގެ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ސުހާނާއާއި އާރިޔަން ކުއްތާއެއް ގޮވައިގެން ސޯފާގައި ތިބޭތަނެވެ.

ގިނަބަޔަކު އަންނަނީ ސުހާނާ އާންމުކުރި ފޮޓޯއަށް ތައުރީފުކޮށް، އެއީ ކޮއްކޮއަކާއި ބޭބެއްގެ މިސާލެއް ކަމަށް ބުނަމުންނެވެ.

ސުހާނާ އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓް

ސުހާނާ ބޮލީވުޑަށް ނިކުންނަނީ ޑިސެންބަރު ހަތެއްގައި ނެޓްފްލިކްސްއިން ރިލީޒްކުރާ ޒޯޔާ އަހްތަރުގެ "ދަ އާޗީސް" އެވެ. މިއީ ސުހާނާގެ ފުރަތަމަ މަސައްކަތެވެ. އޭގެ އިތުރުން ސުހާނާއަށް ވަނީ އޭނާގެ ބައްޕަ ޝާހްރުކް އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.

އާރިޔަން އަންނަނީ އޭނާގެ ފުރަތަމަ ޑައިރެކްޓްކުރާ ވެބް ސީރިޒްގެ މަސައްކަތް ކުރަމުންނެވެ.

އަރިއަންގެ ސީރީޒްގެ ޝޫޓިން މި އަހަރުގެ ޖުލައި އިން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު ހަ އެޕިސޯޑް މި ސީރީޒަކީ ފިލްމު އިންޑަސްޓްރީގެ ވާހަކައެއް ކިޔައިދޭނެ ސީރީޒެކެވެ.

"ސްޓާޑަމް" ގެ ކާސްޓުން ފެންނާނެ ކަމަށް ބުނާ މީހުންގެ ތެރޭގައި އާ އެކްޓަރު ލަކްޝް ލަލްވާނީ އާއި މަޝްހޫރު ޓީވީ ބަތަލާ މޯނާ ސިންގް ހިމެނެ އެވެ. އަދި ހާއްސަ ފެނިލުންތަކުގައި ޝާހްރުކް، ރަންވީރު ސިންގްގެ އިތުރުން ރަންބީރް ކަޕޫރް ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.