އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް، ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމެޓީން ނިންމައިފި އެވެ.

މަޖިލީހުގެ ހާރިޖީ ކޮމެޓީން އެގޮތަށް ނިންމީ މިއަދު ބޭއްވި އެކޮމެޓީގެ ބައްދަލުވުމެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އަންމުންގެ ބަޔަކު ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވެ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް އަޑުއުފުލާ އިހުތިޖާޖްކޮށްފަ އެވެ.

މަޖިލިސް ކައިރިއަށް އެއްވެ ތިބި އާންމުންގެ ޕްރެޝަރާ ހެދި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ކޮމިޓީ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު ހައިތަމް އެވެ.

ހައިތަމް ވިދާޅުވެފައި ވަނީ، އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެވާހަކަތަކަށް ކޮމެޓީގައި އެވަގުތު ތިއްބެވި ހުރިހާ މެމްބަރުން ވެސް ތާއިދު ކުރެއްވި އެވެ.

ހާރިޖީ ކޮމެޓީން ނިންމާފައި ވަނީ އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށާއި އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް، ސަރުކާރަށް ލަފާ ދިނުމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެވަގުތު އެއްވުމުގައި ތިބި މީހުންނާ ވާހަކަ ދައްކަމުން ދިޔަ އެވެ. އެމްޑީޕީގެ މެމްބަރުން ނިކުމެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާ ބައްދަލުކުރުމަށް އާންމުންނަށް ފުރުސަތު ދިނެވެ. އެގޮތުން އެއްވުމުގެ ތެރެއިން ބަޔަކު ވަދެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރި އެވެ.

އެމީހުންގެ ގިނަ ކަންތައްތަކެއް އަސްލަމް އަށް ހުށަހެޅި އެވެ. އެގޮތުން އިޒްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމަށާއި އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށެވެ.