ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން ގައްސާނު މައުމޫނު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން އެމަނިކުފާނު އުފަލުން ފޮޅިއްޖެ އެވެ.

ގައްސާނު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން އެކަމަށް މަރުހަބާ ކިޔައި، ރައީސް މައުމޫނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް، ގައުމީ އެއްބައިވަންތަކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައުމޫން ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގައި ޣައްސާން ބައިވެރިނުވެ އެވެ.

މުއިއްޒުގެ ކެބިނެޓްގައި 22 މިނިސްޓަރު ހިމެނެ އެވެ.

ގައްސާނު މައުމޫނަށް ޑިފެންސް މިނިސްޓަރުކަން އައްޔަން ކުރެއްވުމުގެ ލިޔުން ރައީސް މުއިއްޒު ހަވާލުކުރައްވަނީ

މައުމޫނުގެ ބޭފުޅުން މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މިނިސްޓަރުކަން ކޮށްފައިވެ އެވެ. އެގޮތުން ރައީސް ޔާމީންގެ ދައުރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވީ ދުންޔާ މައުމޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހެރިޓޭޖް މިނިސްޓަރު މަގާމުގައި ހުންނެވީ ޔުމްނާ މައުމޫނެވެ.

މީގެ އިތުރުން ފާރިސް މައުމޫނާއި ގައްސާނު މައުމޫނު ވަނީ މަޖިލިސް މެންބަރުކަން ވެސް އަދާކުރައްވާފަ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫނު ވަނީ ރައީސްގެ މަގާމަށް ވާދަކުރައްވާފަ އެވެ.