ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު މުރުތަޒާ ސޮލަންގީ ފާޅުކުރައްވައިފި އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު މުރުތަޒާ މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އެންޑް ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި، ފެޑެރަލް މިނިސްޓަރު މުރުތަޒާ ސޮލަންގީ ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖޭގެ ރައީސް ކަމުގެ ގާނޫނީ ހުވައި ކުރެއްވި ރަސްމިއްޔާތުގައި ރައީސް ދެއްވި ތަގުރީރަކީ ފުރިހަމަ އަދި ނުހަނު ހިތްގައިމު ތަގުރީރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަކީ އުންމީދީ ސިޔާސަތުތަކެއް ކަމުގައި ޕާކިސްތާންގެ ފެޑެރަލް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފެޑެރަލް މިނިސްޓަރު މުރުތަޒާ ސޮލަންގީ ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ތައުރީފުކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖެއަށް އުޖާލާ މުސްތަޤްބަލެއް ފަހިވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.