މުލީއާގެ މަރާމާތު ކުރަނީ އެތަނުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށާ ކޮންމެހެން ކުރަން ޖެހޭ މަރާމާތުތައް ކަމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެ އަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މުލިއަގޭގެ ބައެއް މަރާމާތު ކުރަމުން އަންނަ ކަމަށް ސަރުކާރުންވެސް ވަނީ ބުނެފަ އެވެ. މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ނިމެންދެން ރައީސް މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގަ އެވެ.
މުލިއާގެ މަރާމާތުކޮށް ބޮޑެތި ބަދަލްތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މުލިއާގެއަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ސާގާފީ ތަރިކަ ގާނޫނުގެ ދަށުން ދަފްތަރުކޮށްފައިވާ، މާލޭގެ މުހިންމު ތާރީހީ ބިނާއެއް ކަމަށެވެ.
މުލީއާގޭގެ މައިގޭގެ އަސްލަށް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށާ ފަހުގެ ބައިތަކަށްވެސް ބަދަލެއް ގެންނާންވާނީ ހެރިޓޭޖް މިނިސްޓްރީއާ މަޝްވަރާކޮށްގެން ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މުލިއާގެ މަރަމާތު ކުރަނީ އެތަނުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ. އަދި މަރާމާތު ކުރަނީ ކޮންމެހެން މަރާމާތު ކުރަން ޖެހޭ ތަންތަން ކަމަށް ނަސީރު ވިދާޅުވި އެވެ.
މުލިއާގެ މަރާމާތު ކުރާއިރު އެތަނުގެ ރައްކާތެރި ކަމަށް ވަރަށް ބޮޑަށް ސަމާޅުކަން ދެއްވާނެ ކަމަށްވެސް އާދަމް ނަސީރު ވިދާޅުވި އެވެ. މިހާރު މިކުރަނީ އެތަން ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށާ އެތަނަށް ދޭންޖެހޭ ފަރުވާ ދިނުން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ މުލިއާގެ މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން އަންނަ މަހު ކަމަށެވެ.
މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވަކި ހިސާބަކުން ދިރިއުޅުއްވީ މުލީއާގޭގަ އެވެ.
ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވީ ހިލާލީގޭގަ އެވެ.