ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަމުން އަންނަ ކަމަށް މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

ސްކީމްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެ އެވެ. އާންމުންގެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވަނީ ފްލެޓްގެ މަސައްކަތް ހުއްޓަލުމަށްވެސް ކުރީ ސަރުކާރަށް އަންގާފަ އެވެ.

މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން މިހާރު ކުރިއަށްގެންދާ އެމިނިސްޓްރީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ ފްލެޓާއި ގޯތި ދޫކުރުން އިންތިގާލީ މަރުހަލާގައި މަޑު ޖައްސާލަން އެދިފައިވީ ނަމަވެސް ކުރީ ސަރުކާރުން އެކަމަށް އިހްތިރާމް ކޮށްފައި ނުވާ ކަމަށެވެ. އެހެންވީމާ ބޯހިޔާ ވަހިކަމަށް ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އަދި ގެދޮރުވެރިކުރުމަށް ދޫކޮށްފައިވާ އެއްވެސް ބޯހިޔާވަހިކަމަކަށް މިސަރުކަރުން ވެސް ނުބަލާނެ ކަމަށެވެ.

އާ ހައުސިން މިނިސްޓަރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ

ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދޫކޮށްފައިވަނީ އިންސާފުވެރިކޮށްތޯ މިސަރުކާރުން ބަލާނެ ކަމަށެވެ. އަދި އެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބައި ފުރަތަމަ ބުރޭ ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތައް, އެ ފްލެޓުތައް އަޅުގަނޑުމެން ރިވިއު ކުރާނަން ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް ފަހުން ވަނީ ފްލެޓް ލިބޭމީހުންގެ ދާއިމީ ލިސްޓުވެސް ނެރެފަ އެވެ.