ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަން ނިންމާފައި ވީނަމަވެސް ފްލެޓް ލިބުނު މީހުން އަލުން ފްލެޓްއަށް ހުށަނާޅާ އެފްލެޓްތައް ލިބޭނެ ގޮތް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރާނެ ކަމަށް ހައުސިން މިނިސްޓާ މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން މިއަދު ކުރިއަށްގެންދިޔަ އެމިނިސްޓްރީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ދީފައިވާ މީހުންނަށް ފްލެޓް ލިސްޓު ރިވިއު ކޮށްގެން ވެސް އެފްލެޓްތައް ލިބޭނެ ގޮތެއް ބަލާނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ ފްލެޓްގެ ކަންތައްތައް މިހާ ހިސަބަށް ދިޔައީ ކުރީ ސަރުކާރުން ދައުރު ނިމެން އުޅެނިކޮށް އަވަސް އަރުވާލައިގެން ކަންކަން ކުރިގޮތުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ވެވަޑައިގަތުމަށް ފަހުވެސް ފްލެޓްގެ ކަންތައްތައް މަޑުޖައްސާލަން ކުރީ ސަރުކާރަށް އިލްތިމަސް ކުރެއްވި ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އިހުތިރާމެއް ނުކުރި ކަމަށް ހައިދަރު ވިދާޅުވި އެވެ

"އެފްލެޓްތައް ލިބޭ މީހުންނަށް އަޅުގަނޑުމެން ބަލާނަން އެހެން ރިވިއު ކޮށްގެން ނަމަވެސް އަނބުރާ އެފްލެޓްތައް ލިބޭނެ ގޮތެއް. ރައީސް އިންތިހާބު ވެވަޑައިގަތުމަށް ފަހުވެސް ކުރީ ސަރުކާރަށް އިލްތިމާސް ކުރެއްވި ފްލެޓްގެ ކަންތައް މަޑުޖައްސާލަން މަޑުޖައްސާ ނުލީ ކީއްވެތޯ މަޑުޖައްސާލި ނަމަ މިހާ ހިސާބަކަށް ނުދާނެ،" ޑރ. ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތަކަށް ހައްގުވާ މީހުން ހޯދައިގެން ސަރުކާރުން ފްލެޓް ހަވާލު ކުރާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން އަވަސްއަރުވާލައިގެން ކަންކަން ކުރީމާ ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާ އެހެން ނަމަވެސް ފްލެޓް ލިބުނު މީހުންނާ ވާހަކަދައްކައިގެން އެންމެ އެކަށީގެންވާ އިންސާފުވެރި ހައްލެއް ހޯދޭތޯ ބަލާނެ ކަމަށް ޑރ. ހައިދަރު ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން އަޅުގަނޑުމެން ޖެހޭނީ އެފްލެޓްތައް ލިބުނު މީހުންނާ ވާހަކަދައްކައިގެން ރަނގަޅު ހައްލެއް ހޯދަން، އެހެންނަމަވެސް އެފްލެތްތައް ލިބުނު މީހުން އަލުން އެޕްލައި ކުރަންވެސް ޖެހިދާނެ އެހެންނަމަވެސް ބަލާނަށް އަލުން އެޕްލައިނުކޮށް އެފްލެޓްތައް ލިބޭނެ ގޮތެއް ހަމަޖައްސަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެ އެވެ. އާންމުންގެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވަނީ ފްލެޓްގެ މަސައްކަތް ހުއްޓަލުމަށްވެސް ކުރީ ސަރުކާރަށް އަންގާފަ އެވެ.