މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތުން މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލު ކުރަން 3 މެމްބަރުންނަސްވުރެއް މަދުވެއްޖެ ނަމަ މަޖިލީހުގައި އެޕާޓީއެއް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

އެމްއެންޕީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އުޝާމް އިސްތިއުފާދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އުޝާމް ވަނީ ބަންޑާރަ ނައިބު ކަމުގެ ހުވާ ކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުންތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީސް ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހަށް އިންތިހާބު ވުމަށްފަހު ސިޔާސީ ޕާޓީތަކުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ މެމްބަރުންގެ އަދަދު އެއްވެސް ވަގުތެއްގައި ތިން މެމްބަރުންނަށްވުރެ މަދުވެއްޖެ ނަމަ، އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ ހިމެނިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މައްދާގެ (ނ)ގެ ދެވަނަ ނަމްބަރުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން. މަޖިލީހަށް އިންތިހާބުވުމަށްފަހު މަޖިލީހުގައި ތަމްސީލު ކުރުމަށް އެދޭ މެމްބަރުންގެ އަދަދު 3 މެމްބަރުންނަށްވުރެ މަދުވެއްޖެ ނަމަ އެޕާޓީއެއް މަޖިލީހުގައި ތަމްސީލު ކުރުމަށް ލިބުނު ހައިސިއްޔަތު ގެއްލިގެންދާނެ" އެކަން އިއުލާން ކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގައި އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި އުޝާމްގެ އިތުރުން ތިއްބެވީ އެޕާޓީގެ ލީޑަރު ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރުން އަބްދުﷲ ރިޔާޒު އެވެ.

މި ބަދަލާ އެކު މި ދެ މެމްބަރުން ދެން މަޖިލީހުގެ ދަފްތަރުގައި ހިމެނޭނީ އަމިއްލަ މެމްބަރުންގެ ގޮތުގަ އެވެ.