މިދިޔަ ހަފުތާގައި ޓީސީ ސްޕޯޓްސްގެ ކޯޗުކަމުން ވަކިވި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)، ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ސާޒް އީގަލްސްގެ ކޯޗުކަމާ ހަވާލުވެފައިވާކަން، އީގަލްސްގެ އޮފިޝަލެއް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗު ކަމަށްވާ ޝާޒް ކުއްލި ގޮތަށް ޓީސީގެ ކޯޗުކަމުން މިދިޔަ ހަފުތާގައި ވަކިވިއިރު، ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ފުރަތަމަ ބުރުގައި ޓީސީން 9 ޕޮއިންޓް ހޯދި ނަމަވެސް، ދެވަނަ ބުރުގެ ފުރަތަމަ މެޗުގެ ކުރިން ޝާޒް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އީގަލްސްގެ ކޯޗުގެ މަގާމު ހުސްވީ އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ސިޔާޒް (މޯހަން) ލީގުގެ ފުރަތަމަ ބުރުގެ ތެރެއިން މަގާމުން ވަކިވުމުންނެވެ. މޯހަންގެ އިރުޝާދުގެ ދަށުން ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަށް މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. އީގަލްސް އިން ވަކިވެ، މޯހަން ހަވާލުވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ސަަސް އެވެ. އެކަމަކު މި މެޗުގައި އީގަލްސްގެ ބެންޗުން ސާޒް ފެންނާނެކަމެއް އަދި ނޭނގެ އެވެ. މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ 8 ކްލަބުގެ ތެރެއިން ކބަދަލުނުކުރަނީ އެންމެ 3 ކްލަބުންނެވެ. އެއީ ޑަ ގްރާންޑޭ، ވެލެންސިއާ އަދި ގްރީން ސްޓްރީސް އެވެ.