ޔޫއޭއީ އާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެސްދެއްވުމަށް، އެ ގައުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭ ހޮޓެލް ޖެންގައި ބޭއްވި މި ހަފްލާގައި، ރައީސް އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައިސް ހުސައިން މުހައްމަދު ލަޠީފް އާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ގައުމުތަކުން ގުޅުން ގާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވި އެވެ. އަދި ޔޫއޭއީއަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، ރޭގެ އުފާވެރި މުނާސަބަތަކީ އެކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާޅުވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްކަމަށާއި، އެ ގައުމަކީ ތަރައްގީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. ހަމައެއާއެކު، ޔޫއޭއީ އަކީ އެގައުމުގެ ރައްޔިތުންގެ އާދަޔާ ހިލާފު ރޫހު ދައްކުވައިދީފައިވާ ގައުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަހަރަކީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވެ، ވޭތުވެދިޔަ އަހަރުތަކުގައި ދެގައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައިކަމުގައި ރައީސް ވިދާޅުވި އެވެ. އަދި، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި، ދާދިފަހުން ޔޫއޭއީ އިން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވިކަމީ، ދެ ގައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ވަޑައިގަންނަވާނެކަން ރައީސް އިއުލާން ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ހާއްސަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ޔޫއޭއީގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ގަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.