ބޮލީވުޑްގެ ޒުވާން ތަރިއެއް ކަމަށްވާ ކާތިކް އާރްޔަންގެ މާލީ ހުރިހާ ކަމެއް ބަލަހައްޓަނީ އޭނާގެ މަންމަ ކަމަށް ކާތިކް ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ އޭނާގެ އެކައުންޓްގައި ފައިސާ ހުރި މިންވަރާއި ހުރިކަން ނުވަތަ ނެތްކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ހަމައެއާއެކު އެއްވެސް ހަރަދެއް ކުރުމުގެ ކުރިން މަންމަގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އޭނާގެ އަމިއްލަ ބޭންކު އެކައުންޓްތަކުގެ ތަފްސީލުތައް ވެސް އޭނާއަށް ނޭނގޭ ކަމަށް ކާތިކް ބުންޏެވެ.

"ބައެއް ފަހަރު ރުޅިވެސް އާދޭ. މާ ގިނައިން ކަމަކަށް ހަރަދު ކޮށްފިއްޔާ ސުވާލު އަންނާނެ." އާއްމު ހަރަދުތަކަށް މަންމަ ކޮންމެ މަހަކު ވެސް ފައިސާ ދޭ ކަމަށް ބުނަމުން ކާތިކް ބުންޏެވެ.

ކާތިކް މިހެން ބުނުމާއެކު އާއްމުންގެ ތައުރީފާއި ފާޑުކިޔުން ވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ. ބައެއް މީހުން އޭނާގެ އަމަލުތަކުން މަންމައަށް ކުރާ އިހްތިރާމް އެނގޭކަމަށް ބުނާއިރު އަނެއް ބަޔަކު އަންނަނީ މި އުމުރުގައިވެސް މަންމަ ލައްވާ ކަންކަން ކުރާތީ ފާޑު ކިޔަމުންނެވެ.

ކާތިކްއަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކާމިޔާބު އެއްތަރި ކަަމަށްވާއިރު ކުރިއަށް ވެސް އޭނާގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.