ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އަަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލައިފި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލާގައި މިދިޔަ އަހަރުގެ 26 ޖޫންގައި ހައްޔަރުކޮށް، އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ގެ މައްޗަސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އެވެ. އަދި އަހްމަދު މުއާޒު (ގަޓު މުއާ)،ގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ.

މި ތިން މީހުން ވެސް ޓެގު އެޅުވުމަށް ފަހު ވަނީ މިއަހަރުގެެ ޖޫން މަހު ގޭބަންދަށް ދޫކޮށްލާފަ އެވެ.

އަހަނދުގެ މައްޗަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން މައްސަލަ ނުގެންދެވޭނެ ކަމަށް ކޯޓުން މީގެކުރިން ވަނީ ނިންމާފަ އެވެ. މިމައްސަލާގައި ދެން ހިމެނޭ އިސްމާއީލް އަބްދުއްރަހީމް އާދަމް އާއި އަހްމަދު މުއާޒްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން މައްސަލަ ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ އެމައްސަލަތައްވެސް މިހާރު ވަނީ ބޭރުކޮށްލާފަ އެވެ

ކްރިމިނަލް ކޯޓުން ވަނީ އެކަން މިއަދު ޔަގީން ކޮށްދީފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެމީހުން ދޫކޮށްލީ ޓެގް ނެއްޓުމަށް ފަހު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ އެވެ.