ދެއަހަރު ފަހުން އަނެއްކާވެސް ބޮލީވުޑް މަޝްހޫރު އެކްޓަރު ކާތިކް އާރިޔަން އަށް މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން ކަރަންގެ "ދޯސްތާނާ 2" ކާތިކަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެހެން ނަމަވެސް ގިނަ ސަބަބުތަކާ ހެދި އެފިލްމުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުނެވެ. އެއާއެކު ކާތިކް އާއި ކަރަން ދެމުގައި މައްސަލަތައް ޖެހިގެން ދިޔަ އެވެ.
އެހެން ނަމަވެސް މިހާރު މިވަނީ މިމައްސަލަތައް ހައްލުކޮށް އަނެއްކާވެސް ކަރަންގެ ފިލްމަކުން ކާތިކަށް ފުރުސަތު ދީފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންގެ ދަރުމާ ޕްރޮޑަކްސަން އާއި އެކްތާ ކަޕޫރްގެ ބާލާޖީ ފިލްމްސްއާ ގުޅިގެން ގެނެސްދޭ ފިލްމަކުން ކާތިކަށް ވަނީ ފުރުސަތު ލިބިފަ އެވެ.
އަދި ނަމެއް ހާމަކޮށްފައިނުވާ މިފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ އެވެ.
ކާތިކްގެ މިފިލްމު ސިނަމާތަކަށް އަންނަނީ 2025 ވަނަ އަހަރުގެ އޮގަސްޓް 15 ގައި އެވެ.
ސަންދީޕަކީ މި އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރްގެ ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ޑައިރެކްޓަރެވެ.
ކަރަންގެ ޕޯސްޓްގައި ވަނީ ކާތިކަށް މިއަދު 33 އަހަރު ފުރިފައިވާތީ އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔައިފަ އެވެ.
ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް، ދަރުމާ އަށް ސޮއިކުރި ފުރަތަމަ ފިލްމު "ދޯސްތާނާ 2" އިން 2021 ގެ ކުރީކޮޅު ވަކިކުރީ އެ ފިލްމުގެ ޝޫޓިން ވެސް 2019 ގައި ފަށައި، ފިލްމުގެ 20 ޕަސެންޓް ނިމިފައި ވަނިކޮށެވެ. ކޮލިން ޑި ކަންހާ ޑައިރެކްޝަނާ ހަވާލުވި ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި އާ އެކްޓަރު ލަކްޝަން ލަވްވާނީ ވެސް ހިމެނެ އެވެ.
ކާތިކް ވަކިކުރި ފަހުން "ދޯސްނާ 2" އޮތީ ހުއްޓިފަ އެވެ. އަދި އޭގެ އެއްވެސް އަޕްޑޭޓެއް ފަހަކުން ދަރުމާ އިން ހާމައެއް ނުކުރެ އެވެ.
"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ބޫލް ބުލައްޔާ 2" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ކަބީރް ޚާންގެ "ޗަންދޫ ޗެމްޕިއަން" އާއި ބަޓް ކޭމްޕްގެ "އާޝިގީ 3" ހިމެނެ އެވެ.