ކެޓްރީނާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ފަންނާނެވެ.

ފުރާވަރު އުމުރުގައި އެކްޓިންގެ ދާއިރާއަށް ތައާރަފްވި ކެޓްރީނާ މިއަހަރު އަންނަނީ ބޮލީވުޑްގައި އޭނާގެ 20 ވަނަ އަހަރު ފާހަގަ ކުރަމުންނެވެ. އެކަމާ ބެހޭ ގޮތުން އޭނާ ވަނީ ދާދި ފަހުން އިންޓަވިއުއެއް ވެސް ދީފަ އެވެ.

އެ އިންޓަވިއުގައި ކެޓްރީނާ ބުނީ އޭނާގެ ދިގު ކެރިއަރުގައި ކުޅެފައިވާ ބައެއް ފިލްމުތަކަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމުތަކެއް ކަމަށާއި އެ ފިލްމުތަކުގައި ހިއްސާވާން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ނަސީބެއް ކަމަށެވެ.

އެ ފިލްމުތަކަކީ އެކްޓަރެއްގެ ގޮތުގައި އޭނާ ކުރިއަރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށް ވެސް ކެޓްރީނާ ބުނެފައިވެ އެވެ.

އެގޮތުން "މެރޭ ބްރަދާ ކީ ދުލްހަން"، "ރާޖްނީތީ"، "ނަމަސްތޭ ލަންޑަން"، އަދި "ޒީރޯ" ފަދަ ފިލްމުތަކުގެ ނަން އޭނާ ފާހަގަ ކުރި އެވެ.

ކެޓްރީނާ އިތުރަށް ބުނީ މަސައްކަތުގެ މާހައުލުގައި އޭނާއަކީ ވަރަށް ވާދަވެރި މީހެއް ކަމަށާއި އޭނާގެ އެންމެ ބޮޑު ވާދަވެރިއަކީ ޚުދު އޭނާ ކަމަށެވެ.

2003 ވަނަ އަހަރު ނުކުތް ފިލްމު "ބޫމް"އިން އުމުރުން އެންމެ 20 އަހަރުގައި ބޮލީވުޑަށް ތައާރަފްވި ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ "ޓައިގާ 3" އިންނެވެ.