ކުރީ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްއާ އެކު އެއްބަސްވުމެއް ހަދާ، 2026 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްއާ އެކު ސަޕްލިމެންޓަރީ އެއްބަސްވުމެއް ކުރީ ސަރުކާރުން ހަދާފައިވާ ކަމަށެވެ. އެއެއްބަސްވުމުގެ ދަށުން ބްރިޖް ނިންމަން ޖެހޭ ތާރީހު މިހާރު ވަނީ އިތުރުކޮށްފަ އެވެ. ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭ ތާރީހް ކަމަށް މިހާރު އެއްބަސްވެފައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެއެއްބަސްވުމުގައި ކުރީ ސަރުކާރުން ސޮއިކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތުގެ ކޮންޓްރެކްޓް ބެހިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސެކްޝަން އޭ އާއި ސެކްޝަން ބީ އެވެ. ސެކްޝަން އޭގައި ހިމެނެނީ މާލެއިން ފެށިގެން ގުޅިފަޅާއި ހަމައަށް ގުޅާލުމެވެ.

ތިލަމާލެ ބްރިޖްއަށް ބޭނުންވާ ޕްރީކާސްޓް ސްޓްރަކްޗާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

ސެކްޝަން ބީގައި ހިމެނެނީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމެވެ.

"ސަޕްލިމެންޓްރީ އެއްބަސްވުމާ އެކު ކުރިން 820 ދުވަހުން ނިންމަން އޮތް މަސައްކަތެއް މިހާރު އެއްބަސްވެފައި ވަނީ 1658 ދުވަހުން ނިންމަން. ކުރިން 975 ދުވަހުން ނިންމަން އޮތް ސެކްޝަން ބީ ނިންމަން މިހާރު އޮތީ 1841 ދުވަހުން،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދިޔަ ނަމަ ގުޅިފަޅާ ހަމަޔަށް ގުޅާލުމުގެ މަސައްކަތުގެ %96 ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރު ނިމިގެން ދިޔައިރު ވެސް ބްރިޖުގެ މަސައްކަތް ނިމިފައިވަނީ %29 ކަމަށެވެ. މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަހުންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ތިލަ މާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: ހުރިހާ

ބްރިޖުގެ މަސައްކަތް ލަސްވަނީ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިންމަން އޮތީ 2026 ވަނަ އަހަރަށް ކަމަށް ވިޔަސް މަސައްކަތް އަވަސް ކުރުމަށް އެ ކުންފުންޏާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި މަސައްކަތް މިއަށްވުރެ އަވަހަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.