އެމްއެމްޕީއާރުސީގެ ވައްކަމުގެ އެންމެ އިސް މޭސްތިރިޔާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރި ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އަދީބު މި ވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ. އޭނާ ސިންގަޕޫރުގައި މިހާރު ވަޒަންވެރިވެފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ. އަދި ބައެއް މީޑިއާތަކުން އެ ގޮތަށް ރިޕޯޓްކޮށްފައި ވެސް ވެ އެވެ.

އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރަހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ހަތަރު ދުވަހަށް ވެފައިވަނިކޮށް އޭނާއަށް ކޮށްފައިވާ ޖަލު ހުކުމް ލުއި ކޮށްދީ މައާފް ކޮށްދެއްވުމާ ގުޅިގެންނެވެ.

އަދީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަޕޫރުގައި ހުންނެވީ ބޭސްފަރުވާގެ ބޭނުމަކަށް ކަމަށެވެ. އަދި އެކަން ފުރިހަމަ ވުމުން އެނބުރި ރާއްޖެ ދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލޮބުވެތި ވަތަނަށް އެނބުރި ދާނަން، އެ ތަނުގައި އަޅުގަނޑުގެ ދެން ހުރި މަސައްކަތްތައް ވެސް ކުރާނީ، އަދި އެ ފަސްގަނޑުގައި އަޅުގަނޑުގެ ހަށިގަނޑު ވަޅުލާނީ ވެސް،" އަދީބު އެކްސްގައި ކުރި ޕޯސްޓްގައި ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި އަދީބަށް ލުއި ދިނީ އަދަބު ލުއިކޮށް ދިނުމާއި މައާފު ދިނުމުގެ ގާނޫނާއި ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދީބާ އެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ވެސް ވަނީ ލުއިކޮށްދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.

ޒިޔަތު ވެސް ގެންދެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ބޮޑު މައްސަލާގައި މިހާތަނަށް ކުށަށް އިއުތިރާފުވެފައި ވަނީ ވެސް އަދީބާއި ޒިޔަތު އެކަންޏެވެ. އަދީބާއި ޒިޔަތަކީ، މި ހިޔާނާތުގެ މޭސްތެރިންނެވެ.

މި މައްސަލާގައި ޔާމީން ވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު ވެސް ވަނީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް ރަށު ބަންދަށް ބަދަލުކޮށްފަ އެވެ. ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށްދާއިރު ދެން އޮތީ އޭގެ ހުކުމެވެ. އަދި އިތުރު ރަށެއް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލައެއްގައި ޔާމީނަށް ދައުވާކޮށް ކޯޓުގައި އެ މައްސަލަ އެބަ އޮތެވެ.