ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި ފްލެޓްތައް ދޫކުރުން ހުއްޓުވާފައި އޮތް އޮތުމާ މެދު ގޮތެއް ނިންމައި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ވަކި އެއްޗެއް އަންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ހައިދަރު މިއަދު ވިދާޅުވީ ފްލެޓްތަކުގެ މައްސަލައިގައި އޭސީސީ އިން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހިއްޖެނަމަ ފްލެޓްތަކާ މެދު ގޮތެއް ނިންމުން އިތުރަށް ލަސްވެސް ވެދާނެ ކަމަށެވެ.

އަދި ފްލެޓް ދޫކުރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން އޭސީސީއާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ މައްސަލަ ހައްލުކޮށް އަލުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ގޮތެއް ބަލަމުންދާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓް ނެރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެލިސްޓްގައި ހައްގުނުވާ މީހުން ތިބި ކަމަށް ބުނެ އޭސީސީއަށް މައްސަލަވެސް ހުށަހެޅި އެވެ.

އަދި އެ ލިސްޓަށް 7400 ޝަކުވާވެސް ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން ވަނީ އަންގާފަ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. އެގޮތުން ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުން ކުރިއަށް ދަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓާލުމަށް އަންގާފަ އެވެ.