މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓުގެ ލިސްޓު އާންމު ކުރިއިރު ޕޮއިންޓު ދީފައިވަނީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.

އަނދުން ހުސެން މިހެން ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުން ދިން ފްލެޓާއި ގޯތީގެ ލިޔުން ހަވާލުކުރުން އަވަސްކުރަން ގޮވާލާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. ހުސެން ވިދާޅުވީ ސަރުކާރުން ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ ފްލެޓަށް ޕޮއިންޓު ދީފައިވަނީ އަވަސްއަރުވާލައިގެން ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން ކަމަށެވެ.

ހުސައިން ވިދާޅުވީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއަށް ފްލެޓް ކަންތޔައްތަކުގައި އަމަލުކޮށްފައިވާ ގޮތުން ކަންބޮޑުވާކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަނދުން ހުސެން އަކީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ސަރުކާރުގެ ދިފާއުގައި އަދި ރައީސް ޞޯލިހުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއް މެމްބަރެވެ.

ހުސެން ވިދާޅުވީ 4،000 ފްލެޓް ދޭން ނިންމާފައި ވަނީ ގަސްތުގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން އެބޭފުޅުން ބޭނުންވި ވަކި ބަޔަކަށް ކަމަށެވެ.

"މާލޭގައި ދުވަހަކު ނޫޅޭ މީހުންނަށް ވެސް ފްލެޓް ލިބޭ. އޭނާގެ ދާއިރާގައި ޖެހިޖެހިގެން ހުންނަ ދެ ގޭގެ ތެރެއިން އެއް ގެއެއްގެ މީހުންނަށް ލިބުނު އިރު އަނެއްގޭ މީހުންނަކަށް ނުލިބޭ. ފުރަތަމަ 4،000 ފްލެޓު ދެވޭނެ ކަމަށް އޮތް އޮތުން އަޅުގަނޑު ބަލައެއް ނުގަންނަން." އަނދުން ހުސެން ވިދާޅުވި އެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ވެސް މިހާރު ވަނީ އާންމު ކޮށްފަ އެވެ. އަދި ބައެއް މީހުން މިހާރު ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުމުގައި ސޮއި ވެސް ކޮށްފަ އެވެ.