މާލޭގެ މަގުތައް ވިއްކާލުން ފިޔަވައި މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ކަރަންޓު ބިލުގެ ތެރެއަށް ކުނި ބިލެއް ލައިގެން، ކުނި ނުއުފައްދާ ބަންދުކޮށްފައި ހުންނަ ތަންތަނުން ވަރަށް ގިނަ އަދަދަކަށް ފައިސާ ނަގަމުން އަންނަ ކަމަށެވެ.
އަދި ރައްޔިތުންގެ އަތުން އަހަރެއްގެ މައްޗަށް 2،000 އެއްހާ ރުފިޔާ ނަގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 10،000ރ. މުސާރަ ނުލިބޭ މީހަކު، 7،000ރ. މުސާރަ ނުލިބޭ މީހަކު، ކިހިނެއްތޯ (ދައްކާނީ؟). ވަރަށް ބޮޑު އަދަދަކަށް ވަނީ އެ ފަރާތަށް،" ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ އިގްތިސާދީ މައްސަލައާ އެކީގައި ރައްޔިތުން ނިކަމެތިވެ، ފަގީރުވަމުންދާ ކަމަށެވެ. އަދި ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި ރައްޔިތުންގެ ޖީބު ފޭރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެ ތެރޭގެ އެތައް މި ތަނުގައި ކުންޏޭ އޮތީ. މަގުތައް އޮތީ ވަރަށް ނަޖިސްކޮށް. މާލެ ސިޓީ ކައުންސިލް ވެސް އެބަހުރި. އެއް ކަމެއް ވެސް އަދި ނުކުރެވޭ. މަގުތައް ވިއްކާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ،" ބޮންޑެ ވިދާޅުވި އެވެ.
ކުނި މެނޭޖް ކުރާ ކަމަށްވާ ނަމަ، ގޭގޭގެ ދޮށުގައި ޑަސްބިން ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.