ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ލީޑަރުން ބައިވެރިވާ ކޮންފަރެންސަށް ވަޑައިގެން ޔޫއޭއީގެ ދުބާއީގަ އެވެ.

ދުބާއީގައި ކުރިއަށްދާ "ކޮޕް 28" ގައި ރައީސް މުއިއްޒު ވަރަށް ގިނަ ގައުމުތަކުގެ ލީޑަރުންނާ "ބައްދަލުކުރެއްވި" ކަމަށް ބުނެ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ފޮޓޯ އާއި ވީޑިއޯ ދައުރުކުރަމުންނެވެ. މީގެ ތެރެެއިން އެންމެ ފާހަގަކުރެވުނު އެއް ކަމެއް ފާހަގަކޮށްލާނަމެވެ. އެ ގޮތުން މި ބައްދަލުވުމުގެ ވީޑިއޯއެއްގައި ފެންނަނީ ރައީސް މުއިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއެކު ވާހަކަދައްކަވަން ހުންނެވި ތަނެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނާއި ޝާހީ އާއިލާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޕްރޮޓޮކޯލަކަށް އަމަލުކުރަމުން އަންނަ އެއް ފަރާތެވެ. އެތައް ޒަމާނެއްވީ އެ ޕްރޮޓޮކޯލް އުސޫލްތަކަށް ގައުމުތަކުގެ ވެރިން އަންނަނީ އަމަލުކުރަމުންނެވެ. އަދި ރަސްގެފާނު ރަސްމީ ހައިސިއްޔަތު ބައްދަލުކުރައްވާ ނަމަ ރަސްގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ނޯޓުކޮށް އާކައިވްކުރާނެ އެވެ. ރަސްމީ ބައްދަލުވުމަކުން ވިޔަސް ރަސްގެފާނުގެ އިޝާރާތެއް ނެތް ނަމަ ސަލާމްކުރުން ފިޔަވައި އިތުރު ވާހަކައެއް ނުދައްކަވައި ދުރަށް ދާން ޖެހެ އެވެ.

ދުބާއީގައި އިއްޔެ އޮތް ކޮޕް 28ގެ ރަސްމީ ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާ އިނގިރޭސި ރަސްގެފާނު ބައްދަލުކުރެއްވި ފޮޓޯއާއި ހަބަރު ޝާހީ އާއިލާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގަ އާއި ކޮޕް 28ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް އެބަހުއްޓެވެ. ނަމަވެސް މިއިން އެއްވެސް އެކައުންޓެއްގައި ރައީސް މުއިއްޒު އާއި ރަސްގެފާނު ޗާލްސް ބައްދަލުވުމުގެ ފޮޓޯއެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް 3އާ ވާހަކަދައްކަވަން މަޑުކުރެއްވިއިރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހުދީ ގުދުވެގެން.

އެ ބައްދަލުވުމުގެ ތެރެެއިން ރައީސް މުއިއްޒު ރަސްގެފާނު ޗާލްސްއާ ވާހަކަދައްކަވާ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ. ގާތްގަނޑަކަށް 16 ސިކުންތުގެ އެ ވީޑިއޯގައި ރައީސް މުއިއްޒު ވާހަކަދައްކަވަނިކޮށް އެތަނުން ވަޑައިގަތުމަށް ރަސްގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ އިޝާރާތުން ދަންނަވަ އެވެ. އަދި އެގޮތަށް އިޝާރާތް ކުރެއްވުމުން ރަސްގެފާނު ވަޑައިގަންނަވަ އެވެ. ރަސްގެފާނު ކުރިމަތީގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސްގެ ޕްރޮޓޮކޯލް ބަލަހައްޓަވާ މުހައްމަދު ޝަހުދީ ގުދުވެގެން އޮންނެވި ފޮޓޯއަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިނގިރޭސި ރަސްގެފާނާ ސަލާމްކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅަށް ފަހު ރައީސް ނެރުނު ހަބަރުގައި ވަނީ "މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި" ވާ ކަމަށެވެ.

"މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފަ އެވެ. އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ." އެ ހަބަރުގައި ބުނެފައިވެ އެވެ.

ކޮޕް 28ގެ ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވެސް ބައްދަލުވުމަކަށް ވަޑައިގެންނެވި މަގުމަތީގައި ރައީސް މުއިއްޒު ރިޝީއާ ވާހަކަދައްކަވަމުން ވަޑައިގެންނެވި ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ރިޝީ ވާހަކަދައްކަވަމުން ވަޑައިގެންނެވި ނަމަވެސް ވަކި ހިސާބަކުން މުއިއްޒު ދޫކުރައްވައި ފަހަތަށް ޖެހިވަޑައިގެން އެނބުރި އެހެން ދިމާލަކަށް ވަޑައިގެންނެވި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އަދި ވީޑިއޯއަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ރަސްމީ ފޮޓޯގްރާފަރެއް ނެތުމުން ގިނަ ފޮޓޯތައް ވެސް އެހާ ހުތުރުކޮށެވެ. ބައެއް ފޮޓޯތައް ގައުމުތަކުގެ އިސްވެރިންގެ ފަހަތުންނާއި އަރިމަތިން ނަގާފައިވެ އެވެ. މިއީ ދުވަހަކު ވެސް ރައީސްގެ ފޮޓޯއެއް ނަގައި ރައީސް އޮފީހުގެ ރަސްމީ އެއްވެސް ސޯޝަލް މީޑިއާ އަދި ވެބްސައިޓަކުން ވެސް އާއްމުކުރި ގޮތެއް ނޫނެވެ.

މި ބައްދަލުވުމުގެ ފޮޓޯއާއި ވީޑީއޯ ނެގިކަމަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި އަލީ އާރިފް ކަމަށްވެ އެވެ. މި ބައްދަލުވުމަށް ވަޑައިގެން ރަސްމީ ގޮތުން ބޭއްވި ބައްދަލުވުންތަކުގެ ފޮޓޯތަކެއް ވެސް އެބަހުއްޓެވެ. އެ ފޮޓޯތައް ނެގީ ކާކުކަން އެނގޭނެ ގޮތެއް ނުވި އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ރައީސް މުއިއްޒުގެ ފަރާތުން ވާހަކަދައްކަވާ މުހައްމަދު ފިރުޒުލް ފޯނަކަށް ޖަވާބެއް ނުދެއްވި އެވެ.

ގައުމުގެ އެންމެ އިސްވެރިޔާ މިފަދަ ބައްދަލުވުންތަކަށް ވަޑައިގަންނަވާއިރު އަމަލުކުރަން ޖެހޭ އުސޫލްތަކެއް ރައީސް އޮފީހުގައި ހެދިފައި ހުރެ އެވެ. އަދި އެ އުސޫލުތައް އަލަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ބުނެދޭން ޖެހެ އެވެ. އެފަދަ އުސޫލުތަކަށް އަމަލުނުކުރާ ނަމަ މިފަދަ ލަދުވެތި މަންޒަރުތައް ފެންނާނެ އެވެ. މިިއީ އޭގެ އެއް ހެއްކެވެ.