ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވި ދިގުލައިގެން ގޮސްފައިވާތީ އެޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ބަޔަކާ އެކު، މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސްގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓުލުން ބޭއްވީ އިއްޔެ އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އޮތްނަމަވެސް، މިހާތަނަށް އައިއިރުވެސް އިންތިހާބުގެ ވަގުތީ ނަތީޖާވެސް ޕާޓީން ހާމަކޮށްފައެއްނުވެ އެވެ.
އެކަމާ މެދު ކަންބޮޑުވުންފާޅުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ އިންތިހާބުތަކަށް ކުރިމަތިލަނީ އިންތިހާބުގައި މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގިތިބެ ކަމަށެވެ. ބައެއް އިންތިހާބުތަކުގައި ކާމިޔާބުވި ކަމަށާއި ބައެއް އިންތިހާބުތަކުގައި ނާކާމިޔާބުވިކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިންތިހާބަކުން ބަލިވިނަމަވެސް ޝަކުވާ ނުކުރާކަމަށެވެ.
އަމްރު ވިދާޅުވީ އޭނާއަކީ ސިޔާސީ މަސައްކަތުގައި ދޫދޭންޖެހޭ ތަންތާންގައި ބޮޑުކޮށް ދޫދޭމީހެއްކަމަށެވެ.
"އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑަސީއަށް ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކައި ފަސްޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން." ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވެވަޑައިގެންނެވި އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ކަމެއް ގޯހުންދާނަމަ އެވާހަކައެއްވެސް ސީދަލަށް ބުނާނެ ކަމަށާއި އެކަންކުރަނީ އެންމެންގެވެސް ރަނގަޅަކަށް ކަމަށެވެ. މި އިންތިހާބުގެ ނަތިޖާއާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިތުރަށް އެ ނަތީޖާއާމެދު އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އިއްޔެ ބޭއްވިއިރު، ޕާޓީގެ ރައީސްގެ މަގާމަށް އަމްރުއާ ވާދަކުރެއްވީ މެންބަރު ހަސަން ލަތީފެވެ. އަދި ހަސަން ރޭގެ ވަގުތެއްގައި ވަނީ އިންތިހާބު ކާމިޔާބު ކުރެވުނުކަން އިއުލާނު ކޮށްފަ އެވެ.
ގާތްގަނޑަކަށް 5،800 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނު އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން މިރެއަށް ފަސްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ނަތީޖާ ހާމަކުރުން ލަސްވުމުން އެ ޕާޓީގެ ބައެއް މެންބަރުން އަންނަނީ ނަތީޖާއަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.