ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޒު ހަމަޖައްސަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު ހަމަޖެއްސިކަން މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުގެ ގޮތުގައި އެންމެ ފުރަތަމަ ހުންނެވީ މިހާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި ކުރީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް އާދަމް ޝަރީފު ސަރުކާރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުން، ދެން ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް ހަމަޖެއްސީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ފަޒުލް ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް ހަމަޖެއްސެވިކަން މަޖިލީހުން އިއުލާން ކުރީ ނޮވެންބަރު 22 ގަ އެވެ.

އޭގެ ފަހުން ނިމިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފަޒުލް އައްޔަން ކޮށްފަ އެވެ.

މަޖިލީހުގައި މިހާރު ސަރުކާރު ތަމްސީލުކުރާ ޕާޓީ އަކީ ޕީއެންސީ ކަމަށްވާއިރު އެޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ މެންބަރު ސިރާޖާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ.

މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދު

  • އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕިއެމް - 2 މެންބަރުން
  • ޕީއެންސީ - 2 މެންބަރުން
  • ޖޭޕީ - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 3 މެންބަރުން