ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަގުބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ، އަސްލު އޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ. މި މުދާތައް ހިފެހެއްޓީ މިދިޔަ މަހުގެ 19 ގަ އެވެ.

މަންޑޭ އޭނާގެ އަންހެނުންނާއެކު

މި އަމުރު މަންޑޭގެ ފަރާތުން މިދިޔަ މަހުގެ 24 ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެހެން ނަމަވެސް އިއްޔެ ހައި ކޯޓުން ވަނީ މި މައްސަލަ ބަލައި ނުގަތުމަށް ނިންމައިފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ އަމުރު ގޯސްވާ ގާނޫނީ ސަބަބެއް ދެއްކިފައި ނުވާތީ އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓު ހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު ޕީޖީ ހުސައިން ޝަމީމް ވަނީ ނޫސްވެރިންނަށް އަރުވައިފަ އެވެ.

ތަހުގީގުގެ ތެރެއިން އެ ޕެންޓް ހައުސްގެ އަގު އޭރު ބެލި އިރު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭ އެވެ.

އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.