ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ސެގްމަންޓްތަކުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އަމީނީ މަގުގެ ނުނިމިވާ ދެ ސެގްމެންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މަސައްކަތުގެ ކޮންޓްރެކްޓާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ބަހާލާފައިވަނީ 13 ސެގްމަންޓަކަށެވެ. މީގެ ތެރެއިން މިހާރު ނިމިފައިވަނީ 11 ސެގްމެންޓެވެ.
މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެ އެވެ. މިހާރު ތާރުއަޅާފައިވަނީ ހެންވޭރުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށެވެ.
އަމީނީމަގުގެ ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް މެދުކަނޑާލީ އަމީނީމަގަކީ ބާރު ބޮޑު މަގަކަށްވުމުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ނިމެންދެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށް އާރްޑީސީން ކުރިންވަނީ ބުނެފަ އެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިމުނު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގަ އެވެ. މިމަސައްކަތް މިސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ނިންމަން ދީފައި އޮތް ތާރީހަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާއަށެވެ.