ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް"ގެ ތިންވަނަ ފިލްމު "ސިންގަމް އެގެއިން"ގެ ޝޫޓިންގެ ތެރެއިން އެފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އެކްޓަރު އަޖޭ ދޭވްގަން އަން އަނިޔާވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ އެކްޝަން ސީނެއް ކުޅެނިކޮށް އަނިޔާވެފައިވަނީ އަޖޭގެ ލޮލަށެވެ. އެ ސީނުގައި އަޖޭ ކުޅެމުންދިޔައީ ކޮމްބެޓް ހަރަކާތްތަކެއް ކަމަށާއި ކުއްލިއަކަށް އޭނާގެ މޫނަށް 'ބްލޯ' (ކޮމްބެޓް ސީނުތަކުގައި ބޭނުންކުރާ ދަނގަޑު) އަކުން ޖެހި ލޮލަށް އަނިޔާވީ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެ ވަގުތު އޭނާއަށް ޑޮކްޓަރުން ފަރުވާ ދިން ކަމަށާއި ކުޑަ ބްރޭކެއް ނެގުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް އަޖޭ ފިލްމުގެ ޝޫޓިންގައި ބައިވެރިވެފަ އެވެ.

ފިލްމުގެ ޝޫޓިން ފަށައިގެން ކުރިއަށްދާއިރު މިފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ބަތަލާއިން ގޮތުގައި ކަރީނާ ކަޕޫރާއި ދީޕިކާ ޕަދުކޯން ފެންނާނެ އެވެ.

މީގެ އިތުރުން ފުލުހުންގެ ރޯލުން ޝިލްޕާ ޝެޓީ އާއި ޓައިގާ ސްރޮފް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ސިންގަމް އެގެއިން"ގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރެވެ.

އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލު ކުޅުނު އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް"ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ފިލްމު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. އަދި ތިންވަނަ ފިލްމުގައި ވެސް ކަރީނާ ފެންނާނެ ކަމަށްވެ އެވެ.

ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް ފިލްމު ސީރީޒްގައި އިތުރު ދެ މައި ކެރެކްޓާ އުޅެ އެވެ. އެއީ އަކްޝޭ ކުމާރު ފުލުހެއްގެ ރޯލު ކުޅުނު "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންހު ފުލުހެއްގެ ރޯލު ކުޅޭ "ސިމްބާ" އެވެ. އެ ކެރެކްޓާތަކަށް ބިނާކޮށް ވެސް ފިލްމުތައް ވަނީ ގެނެސްދީފަ އެވެ. "ސޫރިޔަވަންޝީ"ގައި އަކްޝޭއާ އެކު ރަންވީރު އަދި އަޖޭ ވެސް ފެނުނެވެ.

ރޯހިތު ބުނި ގޮތުގައި، "ސިންގަމް 3"ގައި ވެސް އެ ތިން އެކްޓަރުން ފެންނާނެ އެވެ.