ސޮނީ ޓީވީން ގެނެސްދިން މަޝްހޫރު ކްރައިމް ޑްރާމާ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސް މަރުވެއްޖެ އެވެ.

އުމުރުން 57 އަހަރުގައި ދިނޭޝް މަރުވީ އޭނާގެ ގުނަވަންތައް ފެއިލްވެގެންނެވެ. އޭނާ މަރުވިކަން އިއުލާންކުރީ "ސީއައިޑީ"ގައި އިންސްޕެކްޓަރު ދަޔާގެ ރޯލު ކުޅުނު ދަޔާނަންދު ޝެޓީ އެވެ.

ދިނޭޝް އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ހާލު މާ ސީރިއަސްވެ، މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ދިނޭޝްގެ އަނބެއް އަދި ކުއްޖަކު ވެސް ނުހުރެ އެވެ.

ކުށްތައް ތަގުގީގުކުރަން ސީއައިޑީގެ ޓީމަކުން ކުރާ މަސައްކަތްތައް ދައްކުވައިދޭ "ސީއައިޑީ" ސޮނީން ހުއްޓައިލީ ދައްކަމުންދާތާ 20 އަހަރު ފަހުން 2018 ގަ އެވެ.

"ސީއައިޑީ" ގެނެސްދޭން ފެށީ 1998 ވަނަ އަހަރުގަ އެވެ. މި ޝޯގެ ޖުމްލަ 1،547 އެޕިސޯޑް ގެނެސްދީފައިވެ އެވެ.