ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށާއި ލިޔުމަކާ ނުލައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ އިރު، އެއަށް ވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަޖިލިހުގައި ވެރިކަން ކުރާ ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި ދެ މެމްބަރުންގެ ތެރެއިން ނަސީމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މިންވަރު މި ސަރުކާރުން ހާމަކުރާނެ ކަމަށެވެ. އެކި މުއައްސަސާތަކުން ހާމަކޮށްފައި ވަނީ އެކި އަދަދުތައް ކަމަށާއި އެއްވެސް ލިޔުމަކާ ނުލައި ވެސް ބައެއް ސިފައިން ތިބި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓްސްތައް ރަނގަޅަށް ނެތީމަ. އެކި މުއައްސަސާތަކުން މައުލޫމާތު ދެއްވަނީ އެކި އަދަދު. އަދި އެއްވެސް ލިޔުމަކާ ނުލާ ވެސް ބައެއް ބޭފުޅުން ތިބި ކަމަށްވޭ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އިއްޔެގައި ހަތް ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއް ސަރުކާރުން ބާއްވައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ނިންމުމުން އެކަމާ ހަޖަމް ނުވެގެން އެމްޑީޕީ މެމްބަރުން އުޅުއްވަމުން ގެންދަވާ ކަމަށެވެ.

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ވިނަރެސް ފްލެޓުތަކުގެ ކުލީގެ ޑައުންޕޭމަންޓް %50 އަށް ކުޑަ ކުރުމާއި މެޑިކަލް ޗެކަޕާއި އައިވީއެފް އާސަންދައިގެ ތެރެއިން ހެދޭ ގޮތަށް ނިންމުމާއި ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމުކުރުމާއި ކައުންސިލްތަކަށް ބާރު ދިނުމުގެ ގޮތުން ރަށްރަށުގައި ހުންނަ ފަޅު ރަށްރަށް ކައުންސިލްތަކަށްދޭ ގޮތަށް ނިންމުމާއި ހިލޭ ހައްޖަށް ދެވޭ ގޮތަށް ނިންމުމަކީ ރައްޔިތުންގެ ފައިދާ އަށް މި ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އޮތީ ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ވަޒީރުން ވެސް އަރާމްކޮށްލަން ފުރުސަތު ނުދީ، އެބޭފުޅުން ތިއްބެވީ 24 ގަޑިއިރު އެލާޓްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަން ހަވާސް ފަޓާސް ސްޕީޑްގައި ދާން ފެށީމަ ހަޖަމެއް ނުކުރެވޭނެ. ދެން ގެންނާނީ މިކަހަލަ މައްސަލަތައް. މިއަކުން އަޅުގަނޑުމެން ސަރުކާރަށް ކުރާނެ އަސަރެއް އިންޝާ ﷲ ނޯންނާނެ،" ނަސީމް ވިދާޅުވި އެވެ.