ޓޯޓަލް ފިޓްނެސް ސެންޓަރު (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ބާއްވާ "މޯލްޑިވްސް ލޯންގް ރަން"ގެ ވެނިއު ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައިފި އެވެ.

މިރޭ ދަންވަރު 2:00 ގައި ހުޅުމާލޭ ސެންޓަރު ޕާކުގައި ޓީއެފްޖީގެ ލޯންގް ރަން ފެށިގެންދާއިރު މި ރޭހުގެ ދުވުންތައް ވަނީ އެކި ކެޓަގަރީތަކަށް ބަހާލާފަ އެވެ. އެގޮތުން ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރާ އަދި ހާފް މެރެތަން އަދި މެރެތަން ހިމެނެ އެވެ.

މެރަތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު 2:00 ގަ އެވެ. ހާފް މެރެތަން ރޭސް ފެށޭނީ ފަތިހު 5:00 ގަ އެވެ. އަދި 10 ކިލޯމީޓަރުގެ ރޭސް ފަށަން ނިންމާފައި ވަނީ ހެނދުނު 6:00 ގަ އެވެ. އޭގެ އިތުރުން ހެނދުނު 7:00 ގައި ފަސް ކިލޯމީޓުގެ ރޭސް ފަށާނެ އެވެ.

ޓީއެފްޖީން ބުނެފައި ވަނީ "ދަ މޯލްޑިވްސް ލޯންގް ރަން'' ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެޜޭގައި 1،500 ބައިވެރިން ޝައުގުވެރިކަން ހާމަކޮށް ރަންގައި ބައިވެރިވެފައިވާ ކަމަށެވެ. މިއީ މި އިވެންޓަށް އާންމުންގެ ތަރުހީބު އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ޓީއެފްޖީން ބުނެ އެވެ.

ރޭހުގެ ބައިވެރިންގެ ރެޖިސްޓްރޭޝަން ފީގެ ކަނޑައެޅޭ އިންސައްތައެއް ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ހަދިޔާކުރުމަށް ޓީއެފްޖީން ވަނީ ނިންމާފަ އެވެ.