ރާއްޖޭގައި ގެސްޓްހައުސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ 11 ވަނަ އަހަރީ ދުވަސް ކ. މާފުށީގައި ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.
ދެހާސް ބާރަ ވަނަ އަހަރު ވުޖޫދަށް ގެނައި ކާނި ހޮޓެލްސްގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 9 އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކާނި ހޮޓެލްސްގެ 194 މުވައްޒަފުންނަށް ހާއްސަކޮށް އެކި ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ހާއްސަ އެކިއެކި ކުޅިވަރުތަކާއި މަސް ރޭހެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މީގެއިތުރުން ކާނިގެ މުވައްޒަފުންގެ އިސް ނަގައިގެން މިއަދު ހެނދުނު ވަނީ މާފުށި ބީޗު ވެސް ސާފުކޮށްފަ އެވެ. އަދި މުވައްޒަފުންގެ މެދުގައި ވާ ދެމުމުގެ މުބާރާތެއް ވެސް ބޭއްވި އެވެ.
މާފުށީގައި އެންމެ ގިނަ އަދަދެއްގެ ގެސްޓްހައުސް ހުންނަ ކާނިގެ އަހަރީ ދުވަސް މިދިޔަ އަހަރު ވެސް ފާހަގަ ކުރި އެވެ. އެގޮތުން އެ ފަހަރު އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ކާނިގެ އަހަރީ ދުވަހާ ގުޅިގެން މާފުށީގައި އެ ދުވަހު ހަވާ ވެސް އަރުވާފައިވެ އެވެ.
ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގަ އެވެ. ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އެންމެ ފުރަތަމަ މާފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ފެއްޓެވުމުގެ ޝަރަފް ވެސް ހޯއްދަވާފައިވާ ބޭފުޅާ އެވެ. އަބްދުﷲ ވެފައި ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ޝަރަފް ވެސް ހޯއްދަވާފައިވާ ހަމައެކަނި ބޭފުޅާއަށެވެ.
އަބްދުﷲ އެންމެ ފުރަތަމަ މާފުށީގައި ހުޅުއްވީ "ކާނި ބީޗު" ނަމުގައި ހޮޓަލެކެވެ. އޭގެ ފަހުން އޭނާ ވަނީ "ކާނި ލޮޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ހުޅުއްވައިފައެވެ. އެއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު އެބަހުއްޓެވެ.
ކާނި ހޮޓެލްސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފުން ހައްޖަށް ވެސް ފޮނުވަ އެވެ. އެގޮތުން މި އަހަރު ވެސް ދެ މުވައްޒަފަކު ހައްޖަށް ފޮނުވާފައިވެ އެވެ.
މިވަގުތު ވެސް ކާނި ހޮޓެލްސްގެ ދެ ހޮޓަލް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ހޮޓަލަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. އެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.