ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން، ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައިނުވާ ކަމަށެވެ.
އަދި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ މިނިސްޓްރީން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން އެ ވުޒާރާއިން ތަފާތު 23 ވިޔަފާރިއަކުން އަގު ބަލައި ކުރި ދިރާސާއިން ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހާއި އަޅާބަލާއިރު މިމަހުގެ 10 ވަނަ ދުވަހު ބާޒާރުގައި ފިޔާގެ އަގު %20 އާއި %50 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން ފާހަގަވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
އެހެންކަމުން އާންމުންނަށް ދަތިވާނެފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.