ދެ ފިލްމެއްގެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގއި ތާޕްސީ ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ތާޕްސީ އަންނަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ބޮލިފުށި ރިސޯޓުގަ އެވެ.

އުމުރުން 36 އަހަރުގެ ބަތަލާ އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 21 ގައި ރިލީޒްކުރާ ފިލްމު "ޑަންކީ" އެވެ. މިފިލްމަކީ ޝާހްރުކް ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ. އަދި މިއީ ތާޕްސީ ޝާހްރުކް ހާންއާ އެކު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

ރާއްޖެ އައުމުގެ ކުރިން ތާޕްސީ ވަނީ އޭނާ ރާއްޖެއަށް ކުރިން ކުރި ދަތުރުގެ ފޮޓޯއެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި އެ ފޮޓޯގައި އޭނާ ލިޔުނު ގޮތުގައި، ރާއްޖެ އަކީ "ފުރަތަމަ ނަޒަރުން އޭނާގެ ލޯބި ހޯދި" ތަނެކެވެ.

"ޑަންކީ"ގެ އިތުރުން ތާޕްސީ ދެން ފެނިގެންދާނީ އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ފިރް އާއީ ހަސީން ދިލްރުބާ" އިންނެވެ.

ތާޕްސީ އެންމެ ފުރަތަމަ ރާއްޖެ އައީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ފަހަރު އޭނާ އައީ ރައްޓެހިންނާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.