ސައުތު ފިލްމުތަކުން ވިދާލި އަދި މިހާރު ބޮލީވުޑްގެ ފިލްމުތަކުންވެސް ފެނުގެންދާ ބަތަލާ ސަމަންތާ ރުތު ޕުރަބޫ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި އެވެ.

އިންޑިއާގެ ދެކުނުގައި އެންމެ މަޝްހޫރު އެއް ބަތަލާ ސަމަންތާ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ ޓްރަލާލާ މޫވިން ޕިކްޗާސް ކަމަށެވެ. މި ޕްރޮޑަކްޝަންގެ ދަށުން ފިލްމީ ދާއިރާއަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ސަމަންތާ ބުންޏެވެ.

ސަމަންތާ އާންމުކޮށް ކުޅެނީ ތެލެގޫ އަދި ތަމަޅަ ފިލްމުތައް ނަމަވެސް އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފަ އެވެ.

އުމުރުން 36 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސެޕްޓެމްބަރުގައި ރިލީޒްކުރި ތެލެގޫ ފިލްމު "ކުޝީ" އެވެ. އޭނަ މިހާރު އަންނަނީ "ޗެންނާއީ ސްޓޯރީސް" ކިޔާ އެމެރިކާގެ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ރާޖް އެންޑް ޑީކޭ އުފައްދާ ސީރީޒް "ސިޓަޑެލް"ގެ އިންޑިއާ ވާޝަން އެވެ.

އެހެން ނަމަވެސް އޭނާގެ ބަލި ހާލަތު ހުރިގޮތުން މިދުވަސްވަރު ވަނީ ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނަގާފަ އެވެ.