މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާއެކު، ދިވެހި ޕްރިމިއާ ލީގުގައި މެޗުތައް ފަސްކޮށްފި އެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާ އަށް އެއްވެސް ކްލަބެއްގެ ފަރިތަކުރުންތައް ވެސް ނުބޭއްވޭނެ އެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުން އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެހެންކަމުން، އެޗް.ޕީ.އޭ އިން ވަނީ ކުރިން ދީފައިވާ ލުއިތައް އިއްޔެ ހަރުކަށިކޮށްފަ އެވެ. މި ބަދަލުގެ ތެރެއިން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަކަށް ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ.

އެހެން ނަަމަވެސް، އެޗް.ޕީ.އޭގެ އެންގުމަށް ހާއްސަ ގައިޑްލައިންތަކެއް ދަށުން ކުރިއަށް ގެންދަމުންދާ ދިވެހި ލީގުގެ މެޗުތައް ކުރިއަށް ގެންދިއުމުގެ މަގެއް ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ މިނިސްޓްރީން މަސައްކަތްކުރި ކަަމަށް އެނގިފައިވެ އެވެ. އެކަމަކު މި ވަގުތު ލީގު ކުރިއަށް ގެންދިއުމަށް ހާއްސަ ހުއްދައެއް ލިބޭގޮތެއް ނުވި އެވެ.

އެފްއޭއެމް އިން ކްލަބުތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފުތާއެއް މުއްދަތަކަށް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލައި، ކްލަބުތަކުގެ ފަރިތަކުުރުންތައް ވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަދި މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން، ކުޅިވަރާ ބެހޭ މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، މެޗުތައް އަލުން ފެށޭނެ ތާރީހެއް ކްލަބުތަކާ ހިއްސާކުރާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލިއިރު، މިއަދަށް ލީގުގެ ދެ މެޗު އޮތީ ޝެޑިއުލްކޮށްފަ އެވެ.

މީގެ އިތުރުން، މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ކުރިން ހަމަޖައްސާފައި އޮތް ތިން ވަނަ ޑިވިޝަން މުބާރާތް ވެސް ވަނީ ފަސްކޮށްފަ އެވެ.