ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ "ލަސްވިޔަސް" އަންނަ އަހަރު އޭޕްރީލްގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

ޓެޑްރީ ޑައިރެކްޓްކުރާ ދެ ވަނަ ފީޗާ ފިލްމު އަންނަ އަހަރު އޭޕްރީލް 12 ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމުގެ ޝޫޓީންތައް ވަނީ ނިންމާލާފަ އެވެ.

ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަކީ ޓެޑްރީ، ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. "ލަސްވިޔަސް" އަކީ ޓެޑްރީ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު، ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމް ފިލްމީ ދާއިރާ އަށް ނެރޭ "ލަސްވިޔަސް" އެންމެ ފުރަތަމަ އިއުލާންކުރީ 2017 ގަ އެވެ.

ޒޯޔާ އާއި ޑައިރެކްޓަރު ޓެޑްރީ

މިފިލްމުގެ ޝޫޓީން ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް 11 ގައި އެވެ. މިފިލްމުގައި ޒޯޔާގެ އިތުރުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަންނާނުން ފެނިގެންދާނެ އެވެ.

https://www.instagram.com/reel/C00wOdVrqCa/?utm_source=ig_embed&ig_rid=006d8187-26a5-4a56-a54a-dd3472b9217a

އެގޮތުން އަހުމަދު އީސަ (އާނަންދު)، މަރިޔަމް ޝިފާ، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ފިލްމުގައި ފެނިގެންދާނެ އެވެ.

"ލަސްވިޔަސް" އަކީ ބައްޔަކާ ހަނގުރާމަކުރާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.