ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުގައި ހުންނަ ވީޑިއޯތަކުން ރިއަލްޓައިމް ދިވެހި ސަބްޓައިޓަލް ފެންނަ ގޮތް ހަދައިފި އެވެ.

ދިވެހި ސަބްޓައިޓަލް ބަލާލުމަށް ބޭނުންވާ ވީޑީއޯއެއްގެ ޔޫޓިއުބުގެ ސެޓިން އަށް ގޮސް، ސަބްޓައިޓަލް ނުވަތަ ސީސީ އަށް ފިތާލުމުން އޮޓޯ ޓްރާންސްލޭޓް އަރަ އެވެ. އަދި އޭގެން ދިވެހި އިހުތިޔާރުކުރުމުން ބަލަން ބޭނުންވާ ވީޑިއޯއަކަށް ދިވެހި ސަބްޓައިޓަލް އަރައެވެ.

ޔޫޓިއުބަށް މިގެނައި އަޕްޑޭޓުން ދިވެހިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

2005 ވަނަ އަހަރު އެމެރިކާގައި ލޯންޗް ކުރި ޔޫޓިއުބަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.

މިހާރު 5000 އަށް ވުރެން ގިނަ ބަހުން ޔޫޓިއުބަށް ސަބްޓައިޓްލްސް އެރުވެ އެވެ.

ޔޫޓިއުބުގައި މައިގަނޑު ގޮތެއްގައި ހުންނަނީ އާންމުން އެއަށް އަޕްލޯޑު ކުރާ ވީޑިއޯ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ މިނިޓެއްގެ ތެރޭގައި 500 ގަޑީރުގެ ވީޑިއޯ މި ސައިޓަށް އާންމުން އަޕްލޯޑް ކުރަމުން ގެންދެ އެވެ.