ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ރީކޯ މޫސާ އެކްސްގައި ވިދާޅުވީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖްލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި އޭނާ މިފަހަރު ވާދަ ކުރައްވަން ނިނަމަވާފައިވާ ކަމަށެވެ.

"ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގަ މިފަހަރު ވާދަ ކުރަން ނިންމާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމުގެ އުއްމީދުގައި ﷲ ގެ ވާގިފުޅާއެކު މަސައްކަތް މި ކުރަނީ" ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސަ ވިދާޅުވި އެވެ.

މޫސާ މަނިކަކީ ކުރިން ވެސް ލ. އަތުގެ މެންބަރުކަން ކުރެއްވެވި ބޭފުޅެކެވެ. ލ. އަތޮޅުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭނާ މަސައްކަތް ކުރެއްވެވި އެވެ.

އެންމެ ފަހުން ރީކޯ މޫސަ ހުންނެވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސަ މަނިކު އެޕާޓީން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތްކަމަށް ބުނާ މައްސަލައިގަ އެވެ.

އެއަށްފަހު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޫސާ ގުޅިވަޑައިގެންނެވީ އޭރު ވެރިކަންކުރި ޕާޓީ ޕީޕީއެމްއާ އެވެ. އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.